ހިއުމަން ޓްރެފިކިން: ތަހުގީގުގެ މުއްދަތު އިތުރުކޮށް ބަންދަށް އަނެއްކާ ވެސް 15 ދުވަސް

ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު ހިމެނޭ ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތަހުގީގުގެ މުއްދަތު ޕީޖީ އޮފީހުން އިތުރުކޮށްދިނުމާ އެކު، މައްސަލާގައި ހިމެނޭ ދުވަސްވީ ދެ މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް މިއަދު ދީފި އެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލައިގައި މިދިޔަ މަހުގެ ހަ ވަނަ ދުވަހު ހައްޔަރުކުރި، މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ މުހައްމަދު ވަހީދު، 65، އާއި ސ. ހިތަދޫ، މޫސާ ފަތުހީ، 55، ގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދިން 10 ދުވަސް ހަމަވެގެން މިދިޔަ މަހު ވެސް 15 ދުވަސް އިތުރުކޮށްދިނެވެ.

މިއަދު ބަންދު އިތުރުކޮށްދީފައި ވަނީ އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުރުމުން އެކަމަށް ރިއާޔަތްކޮށްފަ އެވެ.

ހިއުމަން ޓްރެފިކިންގެ މި މައްސަލައިގައި އަނިޔާ ލިބުނު މީހުން ދައުލަތުގެ ހިމަޔާތުގެ ދަށުގައި ތިއްބާ އެ މީހުންނާ މުއާމަލާތުކުރަން މި ދެ މީހުން ވެސް މަސައްކަތް ކުރި ކަމަށް ބެލެވޭ ހެކި ކޯޓަށް ފުލުހުން ކުރިން ހުށަހެޅި އެވެ.

މި މީހުންގެ ބަންދު އިތުރުކޮށް އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ނެރުއްވި އަމުރުގައި ވަނީ، ބަންދުގައި ތިބި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ މީހާގެ ސިއްހަތަށާއި މިހާރު ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް ބަންދުގައި ބެހެއްޓުމަށާއި ހަމަޖެހިފައިވާ އުސޫލުތަކުން ދަށުން އޭނާއަށް ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމަށް އަންގަވައިފަ އެވެ.