ތިން ޕާޓީގެ ވެސް ސަޕޯޓަރުން ތިބީ އާދަޔާ ޚިލާފު ރޫހެއްގަ އެވެ. އެއީ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ކެމްޕޭން ފޯރި އެވެ. ތާރީހުގައި ވެސް މަޖިލީހުގެ ގޮނޑިއަކަށް މިހާ ވާދަވެރި ކެމްޕޭނެއް ނުދެ އެވެ. އެންމެ ގޮނޑިއަކަށް އަމާޒުކޮށް މިވަރުގެ ގުރުބާނީތަކެއް ވެސް ޕާޓީތަކުން ނުވެ އެވެ.
ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވީ ޕާޓީތަކުގެ އިސް ބޭފުޅުންނެވެ. މި ކެމްޕޭން ނިންމާލުމަށް އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީން ވަނީ އެކި ހަރަކާތްތައް މިއަދު ހަވީރު ބާއްވައިފަ އެވެ.
ޕީޕީއެމްގެ ސަޕޯޓަރުން އަޑު އުފުލި ގޮތުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށް, ފޯކައިދު އާއި މަރޮއްޓާއި ކޮމަންޑޫން ވެސް އެ ޕާޓީގެ ކެންޑިޑޭޓު މޫސާ ފަތުހީއަށް ތާއީދު ބޮޑެވެ. ގައުމު ނުފޫޒުގެ ދަށަށް ގެންދިއުމާ ދެކޮޅަށް އަދި 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފުރަތަމަ ހަރުފަތް ކަމުގައި ދެކޭ މި އިންތިހާބު އެ ޕާޓީއަށް ކާމިޔާބުވާނެ އެވެ.
އެމްޑީޕީގެ ސަޕޯޓަރުން ބުނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ގޮނޑި ދިފާއުކުރެވޭނެ ކަމަށެވެ. ފަސް އަހަރުގެ ދައުރަކަށް ދާއިރާގެ ރައްޔިތުން އެ ގޮނޑި ކަށަވަރުކޮށްދިނުމަށް ފަހު އަދިވެސް ތިބީ އެ ދާއިރާއަށް ތަރައްގީ އާއި ކުރިއެރުން ހޯދުމުގެ އަޒުމުގައި ކަމަށް އެމްޑީޕީން ބުންޏެވެ.
ދައުރުގެ މެދުތެރެއިން ބާއްވާ މި އިންތިހާބު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ގެއްލިއްޖެ ނަމަ މެސެޖް ވަރަށް ސާފުވީ އެވެ. އެއީ، ކޮމަންޑޫ ދާއިރާގެ ގޮނޑިއާ އެކު މަޖިލީސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކުރި ޕާޓީއަށް ދާއިރާގެ ތާއީދެއް މިހާރު ނެތް ކަމެވެ. ކިތަންމެ ގިނަ މަޝްރޫއުތަކެއް އެ ދާއިރާގައި ހިންގިއަސް ހިތްހަމަނުޖެހުން އޮތް ކަމެވެ. މި ބައި އިލެކްޝަނަށްޓަކައި ވީ ވައުދުތައް ވެސް ފުއްދާނެ ކަމުގެ އިތުބާރު ނެތް ކަމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްފަަހަރަށް ވުރެން ގިނައިން މި ދާއިރާއަށް ކެމްޕޭންގައި ވަޑައިގަތެވެ. އަދި މި ސަރުކާރުގެ ކޯލިޝަން ލީޑަރުންނާ އެކު ވަޑައިގެން ކެމްޕޭން ކުރެއްވުމަކީ މި ގޮނޑި ސަރުކާރަށް މުހިއްމު ވަރެވެ.
ވޭތުވެދިޔަ ތިން ދައުރު އެމްޑީޕީން ކޮންޓްރޯލްކުރި ކޮމަންޑޫ ދާއިރާ މި ފަހަރު ޕީޕީއެމަށް ކަށަވަރުވެއްޖެ ނަމަ ތާރީހް ބަދަލުވީ އެވެ. އަދި އެއީ އެ ޕާޓީއަށް ސިޔާސީ ގޮތުން ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޕާޓީގެ ވަަރަށް ބޮޑު ކާމިޔާބީއަކަށް ވެސް ވާނެ އެވެ.